ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ ރަފާގެ އެންމެ ބޮޑު އުންމީދު!

ޝެއާ ކުރޭ Facebook Telegram Viber X

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްގެ އެންމެ ބޮޑު އެދުމަކީ، ބޮޑެތި މުބާރާތްތަކަށް ތައްޔާރުވުމަށް ޓަކައި ރާއްޖޭގައި މި ކުޅިވަރު ކުޅޭ ޒުވާނުންގެ އަދަދު އިތުރުވެ، ހުނަރުވެރި އައު ޖީލެއް އުފެދިގެން ދިއުމެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ރަފާ ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ އަދަދު މަދުވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް މެޗު ތަޖުރިބާ ނުލިބުމެވެ. ތަފާތު ސްޓައިލްތަކަށް ކުޅޭ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ކުޑަވުމަކީ ބޭރުގެ ބޮޑެތި މުބާރާތްތަކަށް ތައްޔާރުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް އޭނާ ބުންޏެވެ. އެހެން ޤައުމުތަކުގެ އެތުލީޓުންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބޭއިރު، ދިވެހި ކުޅުންތެރިންނަށް އެކަން އުނިވެފައިވާކަން އޭނާ ކަންބޮޑުވުމާ އެކު ފާހަގަކުރިއެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި އެހެނިހެން ގޮތްގޮތުން މަސައްކަތްކުރަން ޖެހިފައިވާކަމަށް ވެސް ރަފާ ބުންޏެވެ.

މި ހުސްކަން ފުރާލުމަށް ޓަކައި، މި މަހު ފަށާ އޭޝިއަން ގޭމްސްއަކީ ރަނގަޅު ފުރުސަތެއްކަމަށް ރަފާ ދެކެއެވެ. އޮލިމްޕިކްސް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އީދުގައި 1500އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، މިއީ ރާއްޖޭގެ ޓީމަށް ތަފާތު ކުޅުންތެރިންނާ ކުރިމަތިލައި، އަގުހުރި ތަޖުރިބާތަކެއް ހޯދުމަށް ލިބޭނެ މުހިންމު ޕްލެޓްފޯމެއްކަން ޒުވާން ކުޅުންތެރިޔާ ޔަޤީންކުރެއެވެ. ޤައުމީ ޓީމުން މިހާރު އަންނަނީ މި ބޮޑު މުބާރާތަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމުން އަންނަނީ ފަހަކަށް އައިސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓް މަހުގެ ކުރީކޮޅަށް އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި 25ޤައުމަކާ ވާދަކޮށް، އަންހެން ޓީމުން ވަނީ ހަތްވަނަ ހޯދާފައެވެ. މިއީ ރަފާގެ މުހިންމު ދައުރަކާއެކު ޤައުމީ ޓީމުން ހޯދި ތާރީޚީ ކާމިޔާބީއެކެވެ. މީގެ އިތުރުން ފިރިހެން ޓީމު ވެސް ވަނީ އެ މުބާރާތުގެ ގަދަ ދިހައެއްގައި ހިމެނި، އަށްވަނަ މަގާމު ކަށަވަރުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު