ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ މަޤުސަދުގައި، ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކޮޅުމަޑުލު މަޑިފުށީގައި ތަރައްޤީކުރި އައުޓްޑޯ ޖިމްގެ އެންމެހާ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
ރަށުގެ ފުޓުބޯޅަ ދަނޑުގެ ދެކުނު ފަރާތުގައި ބިނާކޮށްފައިވާ މި ކަސްރަތު މަރުކަޒުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފުރިހަމަކޮށްފައިވަނީ ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲ ވިދާޅުވީ، މިއީ އެރަށުގެ އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ކުޅިވަރު ކުޅޭ ފަރާތްތަކަށް ސަރުކާރުން ފަހިކޮށްދެއްވި ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.
ކުޅިވަރަށް ލޯބިކުރާ ގާތްގަނޑަކަށް 1500އެއްހައި މީހުންގެ އާބާދީއެއް އޮންނަ މަޑިފުށީގައި މިފަދަ ތަނެއް ޤާއިމުވެގެން ދިއުމަކީ، ކުޅުންތެރިންގެ ތާޒާކަން ދެމެހެއްޓުމަށާއި، ބަލިމަޑުކަމުން ދުރުވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ރަށުގެ ކުޅިވަރު ކުޅޭ މައި ސަރަހައްދުގައި މި ޖިމް ހުރުމުން މީގެ ފުރިހަމަ މަންފާ ކުދިބޮޑު އެންމެންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.
މަޑިފުށީގެ މަޝްރޫޢު ނިންމާލުމުގެ އިތުރުން، އެމްޓީސީސީން އަންނަނީ ތ. އަތޮޅުގައި ތަރައްޤީގެ އިތުރު ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދަމުންނެވެ. އަދި ހަމައެހެންމެ، އެ އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ދެ ޕްރޮޖެކްޓެއް ވެސް ސަރުކާރުން ވަނީ ދާދިފަހުން އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.