މި މަހުގެ 2އިން 5އަށް ލ. މާބައިދޫގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ދިވެހި ސާފް ލީގުގެ ތިންވަނަ އިވެންޓް ކަމަށްވާ "ކެރަންޑޫ"މުބާރާތުގެ ޝޯޓްބޯޑް ފިރިހެން އޯޕަން އަދި 18އަހަރުން ދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު ކަށަވަރުކޮށްފިއެވެ.
ދެ ކެޓަގަރީގެ ފައިނަލްގައި ވެސް ޔަސީން ވާދަކުރީ މުޙައްމަދު އިނާން ޢަބްދުލް ހަންނާނާއެވެ. ފިރިހެން އޯޕަން ބައިގެ ފައިނަލް 16.00ގެ ސްކޯއަކުން ޔަސީން ކާމިޔާބުކުރިއިރު، އިނާނަށް ލިބުނީ 12.57އެވެ. އަދި 18އަހަރުން ދަށުގެ ފައިނަލް ޔަސީން ކާމިޔާބުކުރީ 15.00ގެ ނަތީޖާއަކުންނެވެ. މި ހީޓުގައި އިނާންގެ ސްކޯއަކީ 12.00އެވެ. މިއާއެކު ޔަސީން ވަނީ މިއަހަރުގެ ލީގުގައި ބޭއްވި ފުރަތަމަ ދެ މުބާރާތް ކަމަށްވާ "އެލޭއިސް"އާއި "މުލީކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަންކަންވެސް ހޯދައި، އޯޕަން ކެޓަގަރީގައި އޭނާ ނުކުތް ހުރިހާ ހީޓަކުން މޮޅުވެ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ.
މި މުބާރާތުގެ ތެރެއިން، ލީގުގެ ރަސްމީ ރޭންކިންގައި ނުހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ ބޮޑީބޯޑިން ފިރިހެން އޯޕަން ބައިގެ ތަށި އުފުލާލީ ޢަލީ ޖާވިދު (ޖާއްޓެ)އެވެ. ފައިނަލް ހީޓުގައި މުޙައްމަދު ނިފާޒާ ވާދަކޮށް ޖާއްޓެ ކުރިހޯދީ 15.50ގެ ސްކޯއަކުންނެވެ. ނިފާޒަށް ހޯދުނީ 12.17ގެ ސްކޯއެކެވެ.
މިއަހަރުގެ ސާފް ލީގުގެ ތިންވަނަ މުބާރާތް ނިމިފައިވާއިރު، ދެން އޮންނާނީ ލީގުގެ އެންމެ ފަހު މުބާރާތެވެ. "ރަންނަމާރި ޗެލެންޖް 1448"ގެ ނަމުގައި ބާއްވާ މި މުބާރާތް އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.