ނިމިގެންދިޔަ މަހު މާލޭގައި ބޭއްވި ބައިނަލްއަޤްވާމީ އައިޓީއެފް ޖޭ 30ޓެނިސް މުބާރާތުގައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ، ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިންނަށް ކުރިއެރުން ހޯދުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަޖުރިބާއެއްކަމަށް، ޤައުމީ ޓެނިސް ޓީމުގެ އީރާން ކޯޗު ޢަލީ ރިޒާ ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ތަޖުރިބާކާރު ކޯޗު ފާހަގަކުރި ގޮތުގައި، މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި އިންތިޒާމުކުރުމަކީ ޓެނިސް އެސޯސިއޭޝަނުން ކުރި ވަރަށް މުހިންމު މަސައްކަތެކެވެ. އެކަމަށް ޓަކައި އޭނާ ވަނީ އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފައެވެ. ރިޒާ ބުނީ، އެކި ޤައުމުތަކުގެ ހުނަރުވެރިންނާ އެކު ކޯޓަށް ނުކުތުމުގެ ފުރުޞަތު ފަހިވުމަކީ، ދިވެހި ކުދިންގެ ކުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ޖޫނިއަރ އެތުލީޓުން ބައިނަލްއަޤްވާމީ ސްޓޭޖަކަށް ނުކުތުމުން ގިނަ ކަންތައްތަކެއް ދަސްވާކަން ކޯޗު ވަނީ ތަފްޞީލުކޮށްދީފައެވެ. އެގޮތުން، ތަފާތު ވައްޓަފާޅިތަކަށް ކުޅޭ ކުޅުންތެރިންނާ ކުރިމަތިލުމުގެ ސަބަބުން، ކޯޓުމަތީގައި ދިމާވާ އުނދަގޫތައް އަމިއްލައަށް ޙައްލުކުރަން ކުދިންނަށް ދަސްވެގެންދާނެކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން މެޗުގެ ހާލަތްތަކަށް ހޭނުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޅުންތެރިން ވަރުގަދަވުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށް ވެސް އޭނާ ބުންޏެވެ.
މި މުބާރާތާ ރާއްޖެއިން ކުރިމަތިލީ އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ހަތަރު ކުޅުންތެރިން ނުލައެވެ. އެހެންނަމަވެސް، މުބާރާތުގައި ވާދަކުރި ކުޅުންތެރިން ދެއްކި ހިތްވަރާއި ކުޅުމާމެދު ނުހަނު ހިތްހަމަޖެހޭކަމަށް ކޯޗު ބުންޏެވެ. އަދި މުސްތަޤުބަލުގައި މިފަދަ މުބާރާތްތަކުން މިއަށްވުރެ ފުރިހަމަ ނަތީޖާއެއް ނެރުމަށް ޓަކައި، މާ ކުރިއްސުރެ ޕްރެކްޓިސްތައް ފަށައި ރަނގަޅަށް ތައްޔާރުވުމަށް ކޯޗު ވަނީ ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ.
އުމުރުން 14އަހަރާއި 18އަހަރާ ދެމެދުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ދިވެހިރާއްޖޭގެ އައިޝަތު ކަރިން ސައިޒާން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ހަފްތާގައި އޭނާ ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ދެވަނަ ހަފްތާގައި ކުޅުނު ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ކަރިންގެ ޕެއަރ ވަނީ ޖާގަ ހޯދާފައެވެ. އެމެރިކާ، ކެނެޑާ، ޗައިނާ، އަދި ރަޝިއާ ފަދަ ޓެނިހުގެ ގަދަބާރުތައް ހިމެނޭހެން ގިނަ ޤައުމުތަކެއްގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.