އެމެރިކާގައި މިހާރު ކުޅެވެމުންދާ ފޯރިގަދަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އިދިކޮޅަށް ކުޅުނު ކުޅުންތެރިން ބަލިކުރުމަށް ފަހު، މުބާރާތުގެ ތިންވަނަ ބުރުން ސްޕެއިންގެ ކާލޯސް އަލްކަރާޒް އަދި ބެލަރޫސްގެ އެރީނާ ސަބަލެންކާ ޖާގަ ކަށަވަރުކޮށްފިއެވެ.
ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި ދެވަނަ އަށް ސީޑުކުރެވިފައިވާ އަލްކަރާޒް މި ކާމިޔާބީ ހޯދީ ޕޯޗުގަލްގެ ޖެއިމޭ ފޭރިޔާއާ ވާދަކޮށް ފަހަތުން އަރައެވެ. ލިބުނު އަނިޔާއަކާ ގުޅިގެން ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުމަށް އެނބުރި އައި އަލްކަރާޒްގެ މައްޗަށް ފުރަތަމަ ސެޓުގައި 6-4ގެ ނަތީޖާއަކުން ފޭރިޔާ ކުރިހޯދި ނަމަވެސް، ޖެހިގެން އައި ތިން ސެޓު އަލްކަރާޒް ކާމިޔާބުކުރީ 6-0، 6-3އަދި 6-2އިންނެވެ.
އަންހެނުންގެ އިވެންޓަށް ބަލާއިރު، ޔޫއެސް އޯޕަންގެ ތަށި ތިންވަނަ ފަހަރަށް އުފުލާލުމުގެ އަމާޒުގައި ނުކުތް ސަބަލެންކާ ވަނީ ވަރަށް ފަސޭހަކަމާއެކު ރަޝިޔާގެ ޕޮލީނާ ލަޓްޗެންކޯގެ މައްޗަށް ކުރިހޯދާފައެވެ. ކޮލިފައިން ކުޅެގެން މުބާރާތަށް އައި ޕޮލީނާގެ މައްޗަށް ސަބަލެންކާ ކުރިހޯދީ 6-1އަދި 6-1ގެ ނަތީޖާއަކުން ސީދާ ދެ ސެޓުންނެވެ.
މީގެ އިތުރުން، މި މުބާރާތުގެ ތިންވަނަ ބުރުން އެމެރިކާގެ ފްރެންސެސް ޓިއަފޯ ވެސް ވަނީ ޖާގަ ހޯދާފައެވެ. 11ވަނައަށް ސީޑުކުރެވިފައިވާ ޓިއަފޯ މި ޖާގަ ކަށަވަރުކުރީ ޖަޕާނުގެ ރެއި ސަކަމޯޓޯއާ ވާދަކޮށް 6-3އަދި 7-6އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް ތަށި އެމެރިކާގެ ކުޅުންތެރިއަކަށް ނުހޯދޭތާ މިހާރު ވަނީ 23އަހަރު ފާއިތުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.