2026ވަނަ އަހަރުގެ ރިސޯޓު ލީގު މުބާރާތުގެ ދެކުނު މާލެ ޒޯނުގެ ޗެމްޕިއަންކަން ހޯދުމަށް ޓަކައި، ސެޕްޓެމްބަރު މަހުގެ 3ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގައި ސަން ސިޔާމް އޮޅުވެލީގައި ކުޅޭ ފައިނަލް މެޗުގައި އެ ރިސޯޓާއި ހާޑް ރޮކް ހޮޓެލް ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.
ހާޑް ރޮކް ހޮޓެލް ފައިނަލުން ޖާގަ ކަށަވަރުކުރީ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުރިއަށްގޮސް، ސެމީ ފައިނަލުގައި އޮޒެން ލައިފް މާދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ ޓީމުން ވަނީ ކުއާޓާ ފައިނަލްގެ މެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މުބާރާތް ބާއްވާ ރަށް ކަމަށްވާ ސަން ސިޔާމް އޮޅުވެލި ފައިނަލަށް ދަތުރުކުރީ އުނދަގޫ މަރުހަލާތަކަކަށް ފަހުގައެވެ. ގްރޫޕް ސްޓޭޖުގައި އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ޕްލޭއޮފް މެޗު ކާމިޔާބުކޮށް އެ ޓީމު ކުއާޓާ ފައިނަލަށް ވަނެވެ. އަދި ކުއާޓާގައި އޯޒެން ރިޒާވް ބޮލިފުށި ބަލިކުރުމަށްފަހު، ސެމީ ފައިނަލްގައި ޖޭޑަބްލިއު މޭރިއަޓްގެ މައްޗަށް އެ ޓީމުން ވަނީ ކުރިހޯދާފައެވެ.
ތާރީޚަށް ބަލާއިރު ސަން ސިޔާމް އޮޅުވެއްޔަކީ ދެކުނު މާލެ ޒޯނުގެ ފައިނަލަށް އާ ޓީމެއް ނޫނެވެ. 2024ވަނަ އަހަރު މި ޒޯނުގެ ތަށި އެ ޓީމުން އުފުލާލިއިރު، 2016ވަނަ އަހަރުގެ ފައިނަލުގައި ބޮލިފުށި އަތުން 3-2ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.