ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުޑަހުސެންގެ އާ ތިން ފޮތެއް ނެރެފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ، ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު އަދި މަޝްހޫރު ކޯޗު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން)އިނގިރޭސި ބަހުން ލިޔުއްވާފައިވާ ތިން ފޮތެއް ނެރުއްވައިފިއެވެ.

މި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ފޮތެއްގެ ފުރަތަމަ ވޮލިއުމާއި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއާ ގުޅޭ ފޮތެއްގެ އިތުރުން އޭނާގެ އަމިއްލަ ކުޅިވަރު ހަޔާތުގެ މައްޗަށް ލިޔުއްވާފައިވާ އޮޓޯބަޔޯގްރަފީއެކެވެ.

މެލޭޝިއާގެ ޕެރާކްގައި ހުންނަ ސުލްތާން އިދުރީސް އެޑިއުކޭޝަން ޔުނިވާސިޓީގެ ސްޕޯޓްސް ސައިންސް އެންޑް ކޯޗިން ފެކަލްޓީގެ ސީނިއާ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހުސެން ވަނީ މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެން، މި ފޮތްތައް ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު އަދި އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފައެވެ. މި ފޮތްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ހުސެންގެ ސޯޝަލް މީޑިއާ ޕޭޖަށް މެސެޖުކޮށްގެން ފޮތް ގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ހުސެން ލިޔުއްވި ފޮތްތަކުގެ ތެރޭގައި ހިމޭނޭ ރަސޫލާގެ ސީރަތާ ބެހޭ ފޮތަކީ ކޮވިޑް- 19ގެ ލޮކްޑައުން ތެރޭގައި އަމިއްލަ ނަފުސަށް ކުރެއްވި ޗެލެންޖެއްގެ ގޮތުގައި ލިޔުއްވަން ފެއްޓެވި ފޮތެކެވެ. ޖުމްލަ 2،000އެއްހާ ސަފުހާގެ މި ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ ހަތަރު ވޮލިއުމަކަށް ބަހާލައިގެންނެވެ. ދެވަނަ ފޮތް ކަމަށްވާ "ރިތިންކިން މޯލްޑިވިއަން ސްޕޯޓްސް"އަކީ ރާއްޖޭގެ ކުޅިވަރުގެ މައްސަލަތައް ތަހުލީލުކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މެލޭޝިއާގެ ބައެއް ތަޖުރިބާކާރުންގެ ބައިވެރިވުން ވެސް ހިމޭނޭ މި ފޮތް ބިނާކޮށްފައިވަނީ އެތުލީޓެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުން އަދި ހިންގުންތެރިއެއްގެ ގޮތުން އޭނާ ކުރެއްވި ތަޖުރިބާތަކުގެ މައްޗަށެވެ. ތިންވަނަ ފޮތް ކަމަށްވާ "(އަން)ޑިފީޓެޑް މޯލްޑިވިއަން އޮލިމްޕިއަން"އަކީ ސްކޫލުން ވަކިކުރުމާ ގުޅިގެން ދިރިއުޅުމަށް އައި ބަދަލުތަކާއި، ދުވުމުގެ ތެރެއަށް ވަދެ ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަނަށް ވީ ގޮތުގެ ވާހަކަތައް ހިމޭނޭ އޮޓޯބަޔޯގްރަފީއެކެވެ.

މިހާރު މެލޭޝިއާގެ ޔުނިވާސިޓީގައި ފިޒިކަލް އެޑިއުކޭޝަން، ސްޕޯޓްސް ސައިންސް އަދި ސްޕޯޓްސް ސޯޝިއޮލޮޖީ ކިޔަވައިދެއްވަމުން ގެންދަވާ ހުސެންއަކީ މާލޭގައި "ކޭއެޗް ސްޕޯޓްސް އެކަޑަމީ"ވެސް ހިންގެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ 1988ވަނަ އަހަރު ސޯލްގައި ބޭއްވި އޮލިމްޕިކްސްއަށް ދުވުންތެރިން ތަމްރީންކުރުމަށް މަރުހޫމް މުހައްމަދު ޒާހިރު ނަސީރު އިސްވެ ހުންނަވައި ހިންގި ޕްރޮގްރާމުގެ ތެރެއިން އުފެދުނު ދުވުންތެރިއެކެވެ. ޖަޕާނު ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީންވެ، އޭނާ ވެގެންދިޔައީ ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަނަށެވެ.

ހުސެން ވަނީ 1989ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްގައި 2ގަޑިއިރާއި 45.03މިނެޓުން މެރެތަން ނިންމައި ގައުމީ ރެކޯޑެއް ހަދާފައެވެ. އެ ރެކޯޑް މުގުރާލެވުނީ 28އަހަރު ފަހުންނެވެ. ކުޅިވަރުގެ ދާއިރާއިން ނިއުޒީލެންޑުން ޕީއެޗްޑީ ހާސިލްކުރެއްވުމަށް ފަހު، އެ ގައުމުގެ ރައްޔިތުކަން ލިބެން އޮއްވައި ގައުމަށް ހިދުމަތްކުރަން އެނބުރި ރާއްޖެ ވަޑައިގެންނެވި ހުސެން ވަނީ ސިފައިންގޭގައާއި، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމުގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު