ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ހެންވޭރު ދަނޑުގައި ކުރިއަށްގެންދާ 14އަހަރުން ދަށުގެ ލީގުގެ ކުޅުން އިއްޔެ ހަވީރު ރަސްމީކޮށް ފަށައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިގެންދާ މި މުބާރާތުގައި ޖުމްލަ ދިހަ ޓީމަކުން ވާދަކުރެއެވެ. އިއްޔެ ކުޅެވުނު ފުރަތަމަ މެޗުތަކަށް ބަލާއިރު، ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ކުރިހޯދާފައެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުގައި ކުލަބު ވެލެންސިއާއިން ވަނީ ބީޖީ ސްޕޯޓްސް އެކެޑަމީގެ މައްޗަށް 7-3އިން ކާމިޔާބީ ހާސިލުކޮށްފައެވެ.
މުބާރާތުގެ ފޯރިގަދަ ދެ މެޗެއް މިއަދުވެސް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. ފުރަތަމަ ކުރިމަތިލުމުގައި އޮޑި ސްޕޯޓްސް ކުލަބާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ބިސް ބުރު ސްޕޯޓްސް އެކެޑަމީއާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ)އެވެ. މި ޓީމުތަކުގެ އިތުރުން ދެން މި ލީގުގައި ހިމެނެނީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑަމީ (އެފްއެފްއެފްއޭ)އަދި އެޑްވެންޗަރ ފުޓްބޯލް އެކެޑަމީއެވެ.
މި ލީގުން ޖާގަ ކަށަވަރުކޮށްފައިވާ ދިހަ ޓީމަކީ، ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައި ތިން ގްރޫޕަކަށް ބަހާލައިގެން 18ޓީމެއްގެ މެދުގައި ކުޅެވުނު ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ކުލަބުތަކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.