މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އަންނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގައި ވާދަކުރުމުގެ ފުރުސަތު މިއަދު ރަށު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.
މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ އިސްކަންދޭނީ ކައުންސިލްތަކަށް ކަމަށްވާއިރު، އެ ފަރާތްތަކުން ބައިވެރިނުވާ ހާލަތެއްގައި ދެން ފުރުސަތު ލިބޭނީ ފާއިތުވި އަހަރު އެ ރަށެއް ތަމްސީލުކުރި ކުލަބު ނުވަތަ ޖަމިއްޔާއަކަށެވެ. އޭގެ ފަހުން ވެސް ޖާގަ ނުނަގައިފި ނަމަ، އެ ރަށެއްގެ އެހެން ކޮންމެ އާންމު ޖަމިއްޔާއަކަށް ނުވަތަ ކުލަބަކަށް ވެސް މުބާރާތުގައި ވާދަކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ކުޅުންތެރިންގެ ސަމާލުކަން ހުއްޓޭ އަދި އެންމެ ފޯރިގަދަ މި މުބާރާތް އެންމެ ފުރަތަމަ ތައާރަފުކުރީ 2016ވަނަ އަހަރުއެވެ. ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން 2020ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް މި މުބާރާތް އަންނަނީ މެދުކެނޑުމެއް ނެތި ބާއްވަމުންނެވެ. މި އަހަރުގެ ކުރީކޮޅު 128ރަށަކުން ވާދަކުރި މި މުބާރާތުގެ ތަށި އުފުލާލީ، ފައިނަލް މެޗުގައި ގއ. ދެއްވަދޫގެ މައްޗަށް ކުރިހޯދި ހދ. ނައިވާދޫއިންނެވެ.
މުބާރާތުގެ ފެންވަރު މަތިކުރުމަށް އެސޯސިއޭޝަނުން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިމިދިޔަ މުބާރާތުގައި ވަނީ އަލަށް ވީޑިއޯ ސަޕޯޓްގެ އެހީތެރިކަން ވެސް ތައާރަފުކޮށްފައެވެ. ކުރިއަށް އޮތް އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކުރުމަށް އާ ބަދަލުތަކެއް ގެނައުމަށް ރާވާފައިވާކަމަށާއި، އެކަންކަން ވަރަށް އަވަހަށް އާންމުކުރާނެކަމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.