ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބޮޑުބެ ޗެލެންޖުގެ ސެމީއަށް،ޗެމްޕިއަން ޔުނައިޓެޑް ދިގުވާންޑޮ

ޝެއާ ކުރޭ Facebook Telegram Viber X

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް"ގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ދިގުވާންޑޮ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. 

ހަތަރު ޓީމު ވާދަކުރާ ގްރޫޕުން ޔުނައިޓެޑް ދިގުވާންޑޮއަށް ސެމީ ޔަގީންވީ، ގަލޯނާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރުމާ ގުޅިގެންނެވެ. ފުރަތަމަ ހާފުގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ޔުނައިޓެޑް ދިގުވާންޑޮއަށް ކުރިހޯދައިދީފައި ވަނިކޮށް، ދެވަނަ ހާފުގައި ގަލޯނާގެ ޒަޔާން ޝަރީފް ވަނީ ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަލީ ހައިސަމް (ޗުމްޕު)ގެ ލަނޑާއެކު ޔުނައިޓެޑް ދިގުވާންޑޮއިން ވަނީ އަލުން ލީޑު ނަގައި މެޗުން މޮޅުވެފައެވެ. މި ނަތީޖާއާއެކު، ގްރޫޕްގެ އެހެން އެއްވެސް ދެ ޓީމަކަށް ހަ ޕޮއިންޓް ހޯދައިގެން ސެމީއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ.

މީގެ އިތުރުން، އައްޔަނި ސްޕޯޓްސް ކްލަބުން ވަނީ ހޯދަޑު އެކަޑަމީގެ މައްޗަށް 21-1ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދައި މުބާރާތުގެ ފެށުން ވަރުގަދަކޮށްފައެވެ. މި މެޗުގައި އައްޔަނި ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝަމާލް އަބްދުﷲ (ޝައްމު)އެކަނިވެސް ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ އިތުރުން ހުސެއިން ޝަރީފް (އޮންލީ)ތިން ލަނޑު، އަދި އިސްމާއީލް އަލީފް އަހުމަދާއި މުހައްމަދު ނާޖިހު ނަޒުމީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މުހައްމަދު ހަފީޒާއި އަބްދުﷲ ރަޝީދުވެސް ވަނީ ލަނޑު ޖަހާފައެވެ. ހޯދަޑު އެކަޑަމީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔޫނުސް އަބްދުﷲ މުފީދެވެ. ޖެހިޖެހިގެން ދެ މެޗުން ތަފާތު ބޮޑުކޮށް ބަލިވުމާއެކު، ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ހޯދަޑު އެކަޑަމީއަށް ވަނީ ސެމީގެ ފުރުސަތު އެއްކޮށް ގެއްލިފައެވެ.

އަނެއްކޮޅުން، ހޯދަޑު ސްޕޯޓްސް ކްލަބުން ފުރަތަމަ މެޗު ކާމިޔާބުކުރީ ދަށި ކިޅި ކްލަބާ ވާދަކޮށް 9-1އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އަފްލާޒު ހަތަރު ލަނޑު ޖެހިއިރު، އާރިފް އަހުމަދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެން ހުރި ލަނޑުތައް ޖެހީ އަލީ ޝިޔާހާއި، މުހައްމަދު އިސާމްގެ އިތުރުން އަހުމަދު ނާއިމް އިބްރާހީމެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާފައިވާތީ، މި މެޗުން ބަލިވި ނަމަވެސް ދަށި ކިޅި ކްލަބަށް ސެމީއަށް ދިއުމުގެ އުއްމީދު އަދި އެބައޮތެވެ. 

މި މުބާރާތުގެ ފޯރިގަދަ ތިން މެޗެއް މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު