ހޮންގް ކޮންގުގައި ކުރިއަށްދިޔަ 14ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ އަންހެން ނެޓްބޯޅަ ޓީމުން ފަސްވަނަ މަޤާމު ހޯދައިފިއެވެ.
ރާއްޖެއިން މި މަޤާމު ކަށަވަރުކުރީ ރޭންކިން ކަނޑައެޅުމަށް ކުޅުނު މެޗުގައި އިންޑިއާގެ މައްޗަށް 53-39ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 11ޤައުމަކުން ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށްދިޔައީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ހަ ޓީމު ހިމެނުނު ކަޕް ޑިވިޝަނާއި، ފަސް ޓީމު ވާދަކުރި ޕްލޭޓް ޑިވިޝަނެވެ. ރާއްޖެ ވާދަކުރި ކަޕް ޑިވިޝަނުގައި ހިމެނޭ ހަ ޓީމުގެ މެދުގައި ފުރަތަމަ ކުޅުނީ ލީގު ބުރެކެވެ. މި ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ރޭންކިން މެޗުގެ އިތުރުން، ލީގު ބުރުގައި ވެސް ރާއްޖެއިން ވަނީ އިންޑިއާއާ ދެކޮޅަށް ކުޅެ ކުރިހޯދާފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 60-41ގެ ސްކޯއަކުންނެވެ. ނަމަވެސް، ލީގު ބުރުގައި ކުޅުނު އެހެން މެޗުތަކުން ރާއްޖޭގެ ޓީމު ވަނީ ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އަދި ސްރީ ލަންކާ އަތުން ބަލިވެފައެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި މުބާރާތަކީ ރާއްޖޭގެ ޤައުމީ އަންހެން ނެޓްބޯޅަ ޓީމަށް ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ތަޖުރިބާތަކެއް ހާސިލުކުރުމަށާއި، ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުން ހޯދުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.