ރާއްޖޭގެ ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވައި، އެތައް ކުޅުންތެރިންނެއް އުފެއްދެވި ކާމިޔާބު ކޯޗު ގ. އިލާ، އަލްމަރްޙޫމް އިޙުސާން ޢަބްދުލްޣަނީ (ސާންތީ)ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ކުޅިވަރުގެ ރޮނގުން ދޭ ޝަރަފުވެރި ޤައުމީ އިނާމު އޭނާގެ ހަނދާނަށް ސަރުކާރުން އަރުވައިފިއެވެ.
މަރްޙޫމްގެ ފަރާތުން މި ޝަރަފުވެރި އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ކޮއްކޮ އަޙުސަން ޢަބްދުލްޣަނީއެވެ. ކުޅުންތެރިން ބިނާކުރުމާއި ކޯޗިންގގެ ދާއިރާއިން ސާންތީއަކީ ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚުޞިއްޔަތެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށުން ހުނަރުވެރި ކުދިން ހޯދައި، އެ ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދީ، މާލެ ގެނެސް ޤައުމީ ފެންވަރުގެ ތަރިންނަށް ހަދައިދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާގެ މުޅި ހަޔާތް ޚާއްޞަކުރެއްވީ ދިވެހި ފުޓްބޯޅައިގެ މުސްތަޤުބަލު އުޖާލާކުރުމަށެވެ.
ޤައުމީ ޓީމުން ހޯދާފައިވާ އެންމެ ތާރީޚީ ކާމިޔާބީތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ ވެސް ސާންތީއެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް 2004ވަނަ އަހަރު ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި ފާހަގަކޮށްލެވޭ މެޗުގެ އިތުރުން، 2008ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ ދިހަ އަހަރު ފަހުން، 2018ގައި ރާއްޖެއިން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރިއިރު އޭނާ ހުންނެވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުގައެވެ.
ކްލަބް ލެވެލްގައިވެސް ސާންތީ ވަނީ އާދަޔާޚިލާފު ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އާ ޒުވާން ކުޅުންތެރިންތަކެއް ތަޢާރަފުކުރައްވައި، އެ ސްކޮޑަކާއެކު 2016ވަނަ އަހަރު ކްލަބް އީގަލްސްއަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދެއްވުމެވެ. ޔޫތު ސްޕޯޓްސް ކްލަބާއި މަޖީދިއްޔާ ސްކޫލުން މޮޅު މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ފެއްޓެވި ސާންތީ، އަވަހާރަވީ 2025ވަނަ އަހަރުގެ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އޭނާ ވަކިވެދިޔުމަކީ ދިވެހި ކުޅިވަރުގެ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހުސްކަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.