ސްޕެނިޝް ލީގުގައި ސެލްޓަވީގޯގެ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުމަށް ތާވަލުކުރެވިފައިވާ މެޗު، ދަނޑުގެ ވިނަގަނޑުގައި ފަނިއަޅައި ކުޅެވޭނެ މާހައުލެއް ނެތުމުގެ ސަބަބުން ފަސްކުރުމަށް ނިންމައިފިއެވެ.
މެޗު ފަސްކުރުމަށް ނިންމާފައި ވަނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނާއި، ލީގުގެ އިތުރުން ދެ ކުލަބުގެ ދެމެދުގައި މަޝްވަރާކުރުމަށް ފަހުގައެވެ. ނަމަވެސް، މި މެޗު އަލުން ކުޅޭނެ ތާރީހަކާ މެދު ދެ ޓީމުގެ މެދުގައި ވަނީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައެވެ. ސެލްޓަވީގޯއިން މެޗު ކުޅެން ބޭނުންވަނީ މި ހިނގާ މަހުގެ 27ވަނަ ދުވަހުގައެވެ. އެހެންނަމަވެސް، އޮސަސޫނާއިން އެ ތާރީހަށް އިންކާރުކޮށް ބުނެފައި ވަނީ، މުބާރާތުގެ ތާވަލަށް ބުރޫނާރާނެހެން އަދި ކުޅުންތެރިންނަށް އިތުރު ބުރައަކަށް ނުވާނެހެން އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި މެޗު ކުޅުމަށް އެ ޓީމުން އެދޭކަމަށެވެ.
މައްސަލަ ދިމާވި ސެލްޓަވީގޯއިން މައުލޫމާތު ދިން ގޮތުގައި، ދަނޑުގެ ވިނަގަނޑަށް ގެއްލުންވެ ފަނިއަޅާފައި ވަނީ ލީގުގެ ފަރާތުން ދަނޑުގެ ހާލަތު ބަލައި އިންސްޕެކްޓުވެސް ކޮށްފައި ވަނިކޮށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުގެ ހާލަތު ރަނގަޅުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ވީއެންމެ އަވަހަކަށް ވިނަގަނޑު މަރާމާތުކޮށް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.