ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފްރާންސް ގޯލްކީޕަރު ކޯޗަކަށް ބާތޭޒް

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ޒައިނުއްދީން ޒިދާންގެ އެހީތެރިއެއްގެ ގޮތުގައި، ގައުމީ ޓީމުގެ ގޯލްކީޕަރުންނަށް އިރުޝާދު ދިނުމަށް ޓަކައި، ކުރިން އެ ޓީމުގެ ގޯލު ބެލެހެއްޓި މަޝްހޫރު ކީޕަރު ފަބިއަން ބާތޭޒް އެ މަގާމަށް އައްޔަންކޮށްފިއެވެ.

ގައުމީ ޓީމާ ހަވާލުވުމަށް ފަހު ޒިދާންގެ ކޯޗިން ޓީމުގައި ގިނައިން ހިމަނާފައި ވަނީ ރެއާލް މެޑްރިޑުގައި އޭނާއާ އެކު ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ފުޓްބޯޅައިގެ ހަރަކާތްތަކާ ވަރަށް ބޮޑަށް ދުރުގައި ހުރި ބާތޭޒް މި މަގާމާ ހަވާލުވުމަށް ޓަކައި، ކޯޗިންގެ އެންމެ މަތީ ސަނަދު ފުރިހަމަކުރުމަށް ވަކި މުއްދަތެއް ހޭދަކުރަން ޖެހޭނެކަމަށް މައުލޫމާތު ލިބެއެވެ.

ބާތޭޒް އެންމެ ފަހުން ފުޓްބޯޅައިގެ ރަސްމީ މަސައްކަތެއްގައި ފެނިފައި ވަނީ، 2010ވަނަ އަހަރު ފްރާންސްގެ ކޯޗަކަށް ލޯރަންޓް ބްލޮންކް ހުރިއިރު އޭނާގެ އެހީތެރިއެއްގެ ގޮތުންނެވެ. އޭގެ ފަހުން މޮޓޯ ރޭސިންގ އަދި ހައިކިންގ ފަދަ ކުޅިވަރުތަކަށް ވަގުތު ހުސްކުރި އުމުރުން 55އަހަރުގެ ބާތޭޒަކީ، ޒިދާން އަދި ބްލޮންކްއާ އެކު 1998ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބާތޭޒް ވަނީ، 2000ވަނަ އަހަރުގެ ޔޫރޯއާއި ކޮންފެޑަރޭޝަންސް ކަޕް ވެސް އެ ގައުމަށް ކާމިޔާބުކޮށްދީފައެވެ. އަދި އޭނާގެ މޮޅު ކުޅުމާ އެކު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ނަމަވެސް، އެ ކްލަބުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކޯޗު ސަރ އެލެކްސް ފާގަސަން ވަނީ ލަސްތަކެއް ނުކޮށް އޭނާ އެހެން ޓީމަކަށް ވިއްކާލާފައެވެ.

ފްރާންސްގެ ގައުމީ ޖާޒީގައި ޖުމްލަ 87މެޗު ކުޅެފައިވާ ބާތޭޒްއަށް ވަނީ 98ގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް ލިބިފައެވެ. އޭނާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔަރ ކުރީ 2006ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު