ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓެނިހުގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތަކާއި، މި ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ޤައުމީ ޓެނިސް ސެންޓަރުގައި "ޓެނިސް ނައިޓް"ބާއްވައި އެ ފަރާތްތަކަށް ޚާއްޞަ އެވޯޑުތަކެއް ދީފިއެވެ. 

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ބެހޭ ވަޒީރު ޝަރަފުވެރިކޮށްދެއްވި މި ޙަފްލާގައި، ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، ޓެނިސް އެސޯސިއޭޝަނުގެ އިސް ހިންގުންތެރިންގެ އިތުރުން ޓެނިހުގައި ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނާއި ޤައުމީ ކޯޗުންވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މި ރަސްމިއްޔާތުގައިވަނީ ޓެނިސް އާލާކޮށް ކުރިއެރުވުމަށް އެކަޑަމީތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން "ރެކޮގްނިޝަން އޮފް އެކަޑަމީ އެފޯޓްސް"ގެ ނަމުގައި އެމްޓީއޭ އަދި އަކޫ އެކަޑަމީއަށް އެވޯޑު ދީފައެވެ. އޭގެ އިތުރުން، މި ކުޅިވަރު ފުޅާކުރުމަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް، ދިރާގު، މެރީބްރައުން އަދި އަލިބެއަށް ވެސް ވަނީ ޚާއްޞަ އެވޯޑެއް އަރުވާފައެވެ.

ބައިނަލްއަޤްވާމީ ސްޓޭޖުގައި ފާއިތުވި އަހަރު ރާއްޖެ ތަމްސީލުކޮށްދިން ފަރާތްތަކަށްވެސް މި ޙަފްލާގައިވަނީ އެވޯޑު ދީފައެވެ. އޭގެ ތެރޭގައި 2024އަދި 2025ވަނަ އަހަރުގެ ޑޭވިސް ކަޕާއި ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރި ޤައުމީ ސްކޮޑުގެ ކުޅުންތެރިންނާއި، މެނޭޖަރުން އަދި ކޯޗުންގެ އަގުވަނީ ވަޒަންކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ދިވެހި ޤައުމީ ޓެނިސް ޓީމުން ހޯދި އެންމެ ފަޚުރުވެރި އެއް ވަނައަކީ، އަންހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގޮތުގައި މަޝްހޫރުވެފައިވާ "ބިލީ ޖީން ކިންގް ކަޕް"ގެ އޭޝިއާ އަދި އޯޝޭނިއާ ސަރަޙައްދުގެ ގްރޫޕް 3 (ޒޯން ބީ)ގެ ފައިނަލަށް ދަތުރުކޮށް ހޯދި ދެވަނައެވެ. ވާދަވެރި މެޗުތަކަކަށްފަހު ރާއްޖެއިން މި މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކުރިއިރު، ޓީމުގައި ހިމެނުނީ ނަބާ، އާރާ، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ. މި ޓީމަށް އިރުޝާދު ދީފައިވަނީ އީރާނަށް ނިސްބަތްވާ ކޯޗު ޢަލީ ރިޒާއެވެ. އަދި ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ ރާއްޖޭގެ ކުރީގެ ކުޅަދާނަ ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (1)

  1. saaam 15 އޯގަސްޓު 2026
    Academy thakun tennis kuri eruvumge badhalugai parents athun hes kiyaafa faisaa negun aee kuaakamaky

ކޮމެންޓު