ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރޯ މުއާއި ތައި މުބާރާތުން އީލާފަށް އަނެއްކާވެސް ރަން

ޝެއާ ކުރޭ Facebook Telegram Viber X

އަވަށްޓެރި ސްރީލަންކާގައި ބޭއްވި ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕްގައި ވާދަކޮށް، އެ ގައުމުގެ ވަރުގަދަ އެތުލީޓެއް ބަލިކުރުމަށް ފަހު ރާއްޖޭގެ އަހްމަދު އީލާފް ނަދީމް މި މުބާރާތުގެ ރަން މެޑަލް ވިދިވިދިގެން ދެވަނަ ފަހަރަށް އުފުލާލައިފިއެވެ.

އީލާފް މި ކާމިޔާބީ ހޯދީ މުބާރާތުގެ 76ކިލޯގެ މިޑްލްވެއިޓް ކެޓަގަރީގައި ލަންކާގެ ތަޖުރިބާކާރު ފައިޓަރު އިސުރުއާ ކުރިމަތިލައި ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށްގެންނެވެ. ލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ކުރިއަށްދިޔަ މި މުބާރާތަކީ އެ ގައުމުގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުއާއި ތައި އިވެންޓެވެ. މިއީ މި މުބާރާތުގައި ވާދަކޮށް އީލާފް އެއްވަނަ ހޯދި ދެވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި އީލާފްގެ އިތުރުން ދިވެހިރާއްޖޭގެ ޑެނިއަލް އަހްމަދު ޒަކީ ވެސް ވަނީ ހުނަރު ދައްކާލާފައެވެ. ލަންކާގެ މަޝްހޫރު ފައިޓަރެއް ކަމަށްވާ ފަހަދުއާ ދެކޮޅަށް ކުޅުނު މެޗުން ޑެނިއަލް ބަލިވި ނަމަވެސް، މެޗު ނިމެންދެން އޭނާ ދެއްކި ހިތްވަރާއި ކުޅަދާނަކަމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމު ލަންކާއަށް ފުރީ ފާއިތުވި މަހުގެ 29ވަނަ ދުވަހުއެވެ. މުބާރާތުގެ ކުރިން އެތުލީޓުން ވަނީ ލަންކާގެ 'ވެންކުއިޝް މުއާއި ތައި އެންޑް ފިޓްނެސް' ގެ އިންސްޓްރަކްޓަރު ވިމުކްތި އަބޭނަޔަކަގެ ބެލުމުގެ ދަށުން ޚާއްސަ ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި ރާއްޖެއިން މި އެތުލީޓުންނަށް އިރުޝާދު ދީފައިވަނީ މުއާއި ތައި ކޯޗު މުހައްމަދު ޝަނާޒްއެވެ.

ކޯޗު ޝަނާޒް ފާހަގަކުރި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަކީ ދިވެހި އެތުލީޓުންގެ ރޭންކިންގ ކުރިއަރައި، ކުރިމަގުގައި އިތުރު ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. މުބާރާތް ނިންމާލުމަށްފަހު ދިވެހި ޓީމު މިހާރު ރާއްޖެ އެނބުރި އައިސްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕްގައިވެސް އީލާފް ވަނީ އެ ގައުމުގެ އެއްވަނަ ފައިޓަރު ބަލިކޮށް، މުއާއި ތައި ކުޅިވަރުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު