އަންގާރަ ދުވަހުގެ ހަވީރު މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ 64ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތައް ކާމިޔާބުކޮށް، މިއަހަރުގެ އަންހެން ސިންގަލްސް ތާޖު ފާޠިމަތު ދީމާ ޢަލީ ހޯދިއިރު، ފިރިހެން ސިންގަލްސްގެ އެއްވަނަ މުޙައްމަދު ޝައްފާން އިސްމާޢީލް ކަށަވަރުކޮށްފިއެވެ.
މިއަހަރުގެ ފައިނަލުން ވެސް ފެނިގެންދިޔައީ ސީދާ މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި މޫނުތަކެވެ. އެގޮތުން އަންހެން ސިންގަލްސްގައި ދީމާ ނުކުތީ އައިޝަތު ރަފާ ނާޒިމްއާ ދެކޮޅަށެވެ. އަދި ފިރިހެން ސިންގަލްސްގައި ޝައްފާން ވާދަކުރީ މޫސާ މުންސިފްއާއެވެ. މި ދެ ކުޅުންތެރިން ވެސް ޗެމްޕިއަންކަން ކަށަވަރުކުރީ އިދިކޮޅު ކުޅުންތެރިންގެ މައްޗަށް 4-1ސެޓުން ކުރިހޯދައިގެންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ދީމާ ބަލިކޮށް ރަފާ ޗެމްޕިއަންކަން ހޯދި ނަމަވެސް، މިފަހަރުގެ މޮޅާއެކު ދީމާ ވަނީ އަނެއްކާ ވެސް ޤައުމީ ތަށި އޭނާގެ މިލްކަކަށް ހަދާފައެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު 11-09އިން ރަފާ ކާމިޔާބުކޮށްފައި ވަނިކޮށް، ދީމާ ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ހަތަރު ސެޓު ވެސް ގެންގޮސްފައެވެ. އެއީ 11-05، 11-05، 11-08އަދި 12-10އިންނެވެ. މެޗުގެ އެންމެ ފަހު ސެޓުގައި ރަފާ ބޮޑު ލީޑެއް ނަގާފައި ވަނިކޮށް ދީމާ ވަނީ ވަރަށް ހިތްވަރުކޮށް، ގާތްގާތުގައި ޕޮއިންޓް ހޯދައިގެން ނަތީޖާ އޭނާގެ ކޮޅަށް އަނބުރާލާފައެވެ.
ފިރިހެން ސިންގަލްސްގެ ފައިނަލަށް ބަލާއިރު، ޝައްފާން ވަނީ ފުރަތަމަ ތިން ސެޓު މޮޅު ކުޅުމަކާ އެކު 11-09، 11-09އަދި 11-04އިން ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓުގައި ޝައްފާންގެ ކުޅުން ތަންކޮޅެއް ދަށްވުމުގެ ފައިދާ ނަގައި، 11-05އިން މުންސިފް އެ ސެޓު ހޯދިއެވެ. އެހެން ނަމަވެސް ފަސްވަނަ ސެޓުގައި އަލުން ކުރީގެ ކުޅުން ތަކުރާރުކޮށް، 11-08އިން ސެޓު ކާމިޔާބުކޮށް ޝައްފާން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ދިފާޢުކޮށްފައެވެ.
މީގެ އިތުރުން، މިއަހަރުގެ މުބާރާތުގެ ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ވެސް ހާސިލުކޮށްފައި ވަނީ ސިންގަލްސް ކާމިޔާބުކުރި ދީމާ އަދި ޝައްފާންގެ ޕެއާއިންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.