ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެއް ފެންވަރެއްގައި ކުޅުމުގެ ހަކަތަ ލިވަޕޫލްގެ ނެތް: ކޯޗް

ޝެއާ ކުރޭ Facebook Telegram Viber X

އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުގައި މޮނާކޯ އަތުން 3-2އިން ބަލިވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މުޅި މެޗުގެ 90މިނެޓު ވަންދެން އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓުމުގެ ގާބިލުކަން ލިވަޕޫލްގެ ކުޅުންތެރިންގެ ކިބައިގައި މިވަގުތު ނެތްކަމަށް އެ ޓީމުގެ އައު ކޯޗު އެންޑޯނީ އިރައޯލާ ބުނެފިއެވެ.

ލީޑްސް ޔުނައިޓެޑާ ދެކޮޅަށް މި މަހުގެ ކުރީކޮޅު ކުޅުނު މެޗެކޭ އެއްގޮތަށް، މޮނާކޯ މެޗުގައިވެސް ލިވަޕޫލް ބަލިވީ ދެ ލަނޑުގެ ލީޑެއް ލިބިފައި ވަނިކޮށެވެ. މި ނަތީޖާތަކާއެކު، މި މަހުގެ 23ގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ ކުރިމަތިލުމަށް އެ ޓީމު އޮތީ ކިހާ މިންވަރަކަށް ތައްޔާރުވެފައިތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އާނޭ ސްލޮޓް މަގާމުން ވަކިކުރުމާ ގުޅިގެން ފާއިތުވި ޖޫން މަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި އިރައޯލާ ފާހަގަކުރިގޮތުގައި، ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެޗު އެއްކޮށް ކުޅޭނެ ފިޓްނަސް ނެތުމެވެ. 

ލިވަޕޫލް ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފުރަތަމަ ތިރީސް މިނެޓުގައި ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، ނަމަވެސް އެ ރޫހުގައި މެޗު ނިންމާލުމުގެ ބާރު ކުޅުންތެރިންގެ ނެތް ކަމަށެވެ. އަދި ބަދަލު ކުޅުންތެރިން އެރުވުމާ އެކު ޓީމުގެ ވަރުބަލިކަން ފާހަގަވިކަމަށާއި، ކުޅުންތެރިންނާ އެކު އިތުރު ފަރިތަކުރުންތަކެއް ކުރިއަށް ގެންދަންޖެހޭކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން މި މެޗަކީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކްއާއި ގޯލްކީޕަރު އެލިސަން ބެކާގެ އިތުރުން ފޯވާޑް ކޯޑީ ގަކްޕޯ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މީގެ އިތުރުން، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޓީމުގެ އައު ކުޅުންތެރިޔާ ޖެރެމީ ޖަކޭއާ މެދު ކަންތައް ކުރަމުންދަނީ ވަރަށް ބޮޑަށް ބަލައިގެންކަމަށް ކޯޗު ބުންޏެވެ. ފެބްރުއަރީ މަހު ކޮނޑަށް ލިބުނު އަނިޔާއަކަށް ފަހު ދާދި ފަހުން ކަކުލަށް ވެސް އޭނާގެ އަނިޔާވެފައިވާއިރު، މޮނާކޯ މެޗުގެ ސްކޮޑުން އޭނާ ވަނީ އުނިކޮށްފައެވެ. އެހެން ނަމަވެސް، ބެލެވުނު ވަރަށް ވުރެ ރަނގަޅުވާން ގިނަ ދުވަސް ނެގި ނަމަވެސް، ކުރިއަށް އޮތް ލީގު މެޗަށް އޭނާ ފިޓުވާނެކަމުގެ އުއްމީދު ބޮޑުކަމަށް އިރައޯލާ ވަނީ ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު