ދައުލަތުގެ މީޑިއާގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ޞިއްޙީ ޙާލަތު ކުއްލި ގޮތަކަށް ގޯސްވުމާ ގުޅިގެން، މިއަދު ހެނދުނު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފައިވާއިރު އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކޮށްދިނުމަށް އާއިލާއިން އެދިއްޖެއެވެ.
މީގެ ހަ އަހަރު ކުރިން ފެށިގެން ދެ ކިޑްނީ ފެއިލްވެ، ގަވާއިދުން ޑަޔަލަސިސް ހަދަމުން އަންނަ ސާއިދުގެ ޙާލު ކުއްލިއަކަށް ގޯސްވެފައި މިވަނީ، އިތުރު ފަރުވާ ހޯދުމަށް އާސަންދައިގެ އެހީގައި މި މަހުގެ 13ވަނަ ދުވަހު ސްރީލަންކާއަށް ފުރަން ހަމަޖެހިފައި ވަނިކޮށެވެ. ބޭސްފަރުވާއަށް ފުރުމަށް ބޭނުންވާ ހުރިހާ ކަމެއް އޮތީ ކުރިން ފުރިހަމަކުރެވިފައެވެ.
2018ވަނަ އަހަރުގެ މެދުތެރޭގައި އޭނާގެ ކިޑްނީގެ މައްސަލަ ހުރިކަން އެނގުނުއިރު ވެސް ކިޑްނީގެ މަސައްކަތްކުރަނީ ވަރަށް ކުޑަ އިންސައްތައެއްގައެވެ. އޭގެ ފަހުން ބައްޔަށް ފަރުވާ ހޯދަމުން، އާއިލާއާއި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުގެ މަދަދާ އެކު ކިޑްނީ ޑޯނަރެއް ހޯދުމުގެ މަސައްކަތް ވެސް އޭނާ ދިޔައީ ކުރަމުންނެވެ.
ބޮޑު ބައްޔެއްގައި ވޭން ތަޙައްމަލުކުރަމުން ދިޔަ ނަމަވެސް، ޕީއެސްއެމްގެ ނިއުސް އެޑިޓަރެއްގެ ގޮތުގައި ކުޅިވަރު ޑެސްކު ހިންގުމުގައި ސާއިދު އައީ ނަމޫނާ ދައްކަމުންނެވެ. މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން ނޫސްވެރިކަމަށް ނުކުތް ސާއިދަކީ ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި މެޗުތަކުން ކޮމެންޓްރީ ގެނެސްދިނުމުގައި ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މޮޅު ހުނަރުވެރިއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.