މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން ރާވާ ހިންގާ ގައުމީ ބޮޑީބޯޑިން ލީގުގައި ދެން ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތް، ވެރިރަށް މާލެ ފިޔަވައި އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެ އިދާރާއިން މަސައްކަތް ފަށައިފިއެވެ.
ޕީއެސްއެމްގެ "ކުޅިވަރު ވިންދު"ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް)ހާމަކުރެއްވި ގޮތުގައި، ލީގުގައި ބާކީ އޮތް ދެ މުބާރާތް އަތޮޅުތެރެއަށް ގެންދިއުމަކީ އެ އިދާރާގެ ވަރަށް ބޮޑު އަމާޒެކެވެ. މިގޮތުން އޭގެ ތެރެއިން އެއް އިވެންޓް ކ. ތުލުސްދޫގައި ބޭއްވުމާމެދު އެ ރަށުގެ ކައުންސިލާއެކު މިހާރުވެސް ދަނީ މަޝްވަރާކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ސާފިން އެރީނާއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާތީ، މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތްވެސް މި ފަހަރު ބާއްވާނީ ތުލުސްދޫގައެވެ. ފާއިތުވި ތިން އަހަރު ވެސް މި ބައިނަލްއަގުވާމީ މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައެވެ.
މީގެ ކުރިން ފުވައްމުލަކު ސިޓީގައި ވެސް ލީގު މުބާރާތެއް ބޭއްވުމަށް މިދިޔަ އަހަރު އެމްބީބީއޭއިން މަސައްކަތްކުރިއެވެ. ނަމަވެސް މާލީ ގޮތުން ދިމާވި ދަތިތަކާ ހުރެ އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ރަސްމީ މުބާރާތެއް މާލެއިން ބޭރުގައި މިހާތަނަށް ނުބޭއްވުނު ކަމުގައިވިޔަސް، އާ ކުދިން މި ކުޅިވަރަށް ނެރުމަށް އެކުލަވާލާފައިވާ "ހުދު ފޮނު"ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ކާމިޔާބުކަމާ އެކު ވަނީ ހިންގާފައެވެ. އަދި މި މަހު ތުލުސްދޫގައި އޮންނަ މުބާރާތުގެ ތެރެއިން ބޭރުގެ މަޝްހޫރު އެތުލީޓުންނާ އެކު މި ޕްރޮގްރާމް އެރަށުގައި ކުރިއަށް ގެންދާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.