ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުޅިވަރުގައި ހޯދި ކާމިޔާބީތައް އެތައް ގުނައެއް އިތުރު: ރާފިޢު

ޝެއާ ކުރޭ Facebook Telegram Viber X

 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުރު މުއްދަތެއްގެ ތެރޭގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށާއި އެތުލީޓުންގެ ކުރިއެރުމަށް، ވޭތުވެދިޔަ ސަރުކާރުތަކާ އަޅާނުކިޔޭ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވާފައިވާކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހާމަކުރައްވައިފިއެވެ.

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ނިންމާފައި ވަނީ ގާތްގަނޑަކަށް 184މަޝްރޫއެވެ. ނަމަވެސް، މި ސަރުކާރަށް އަދި ދެ އަހަރު ނުވަނީސް 200އަށް ވުރެ ގިނަ މަޝްރޫއު މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއީ ސަރުކާރުގެ ހަލުވިމިނާއި ހިންގުންތެރިކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޓަކައި ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލައި، ކުޅިވަރުގެ ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނެސް، އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގުކުރައްވާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހި އެތުލީޓުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ގައުމީ ފެންވަރުގެ ކުޅުންތެރިންނަށް ދެވޭ މުސާރަ ބޮޑުކުރުމާ އެކު، ހެލްތު އިންޝުއަރެންސްގެ ނިޒާމެއް މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ވަޒީރު ރާފިޢު ވިދާޅުވި ގޮތުގައި، މިއީ ފާއިތުވި ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ހަމައެކަނި ދެކެވެމުން އައި ވާހަކައެއް ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒުކޮށް ހަގީގަތަކަށް ހައްދަވައިދެއްވީ މި ސަރުކާރުންނެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރުމުގެ މަސައްކަތްތައް ހަވާލުކުރެވި، އޭގެ ތެރެއިން ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މި ފަދަ ވަސީލަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އެތުލީޓުންގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އެތުލީޓަކު މިއަހަރުގެ އޮލިމްޕިކްސްއަށް ކޮލިފައިވުމާއި، އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖޭގެ ހަތަރު އެތުލީޓަކު ކޮލިފައިވުމަކީ ކުޅިވަރުގެ މައިދާނުގައި ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު