ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އިސްލާހާ އެކު އުފައްދާ ސަރަހައްދީ އެސޯސިއޭޝަންތަކުގެ ސަބަބުން މުޅި ރާއްޖޭގެ ކުޅިވަރަށް ތާރީޚީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ކުޅިވަރުގެ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު އިދާރާތައް ގާއިމުކުރުމަށް މަގުފަހިކޮށްދިން ކަމެކެވެ. މި އިސްލާހުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ސަރަހައްދީ އިދާރާތަކެއް އުފެއްދުމުގެ މަސައްކަތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިހާރު ވަނީ ފަށާފައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު"ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެފްއޭއެމްގެ މި ފިޔަވަޅަށް ނުހަނު ތައުރީފު ކުރައްވާފައެވެ.
ސަރަހައްދީ ފެންވަރުގައި ހަރަކާތްތެރިވާ ކުޅިވަރު ޖަމިއްޔާތައް ހިންގުމުގައި ދައުލަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން، އެ އިދާރާތައް ހިންގުމާ ހަވާލުވާ ޖެނެރަލް ސެކްރެޓަރީންގެ މުސާރަ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
އަތޮޅުތެރޭގެ ކުޅުންތެރިންނަށް މީގެ ސަބަބުން ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވަމުން ރާފިއު ވިދާޅުވީ، މިއީ ހުނަރުވެރި ކުޅުންތެރިން ފާހަގަވެ، ގައުމީ ފެންވަރުގައި ތަމްސީލުކުރުމަށް ހުޅުވިގެންދާ އާ ދޮރެއް ކަމަށެވެ. އަދި އުމްރާނީ ތަރައްޤީއާ އެކު އިދާރީ ހިންގުން ހަރުދަނާވުމުން، ދެން އޮންނާނީ އިންސާނީ ވަސީލަތް ބިނާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމުގެ މި ނިންމުމަކީ ހުރިހާ އެސޯސިއޭޝަންތަކެއްގެ މަޝްވަރާއާ އެކު ނިންމުނު ނިންމުމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގާނޫނަށް ގެނެވުނު ބަދަލާއެކު މިހާތަނަށް ސަރަހައްދީ އޮފީސްތައް ގާއިމުކުރަން ފެށީ ހަމައެކަނި އެފްއޭއެމްއިންނެވެ. އެ އިދާރާގެ ރައީސް ވެސް ވަނީ މި މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމުގެ އުންމީދު އާކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.