ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޓަލީގެ ކޯޗުކަމާ މަންޗިނީ ހަވާލުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް މުބާރާތުން ފުރުސަތު ގެއްލި، އިޓަލީގެ ފުޓްބޯޅަ ސިޔާސީ ބޮޑު ތޫފާނެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް، އެ ގައުމުގެ ގައުމީ ޓީމު އަލުން ކޮޅަށް ޖެހުމުގެ ޒިންމާ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީއާ ހަވާލުކުރަން ނިންމައިފިއެވެ.

މީގެ އިތުރުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ)ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ އައްޔަންކުރަން ވެސް މިހާރު ވަނީ ނިންމާފައެވެ.

މިދިޔަ މަހު އެފްއައިޖީސީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ޖިއޮވާނީ މަލަގޯ އެންމެ ފުރަތަމަ މި މަސައްކަތް ހަވާލުކުރެއްވީ އެ ގައުމުގެ ލެޖެންޑް ޕައޮލޯ މަލްޑީނީއާއި ލިއޮނާޑޯ އަރައުހޯއާއެވެ. އެގޮތުން މަލްޑީނީ އަށް ޓެކްނިކަލް ޑައިރެކްޓަރުކަން ދީ، ލިއޮނާޑޯ އަށް އެޑްވައިޒަރުގެ ރޯލު ދިން ނަމަވެސް، އާ ކޯޗަކު ހޯދުމުގައި އެ ދެ ބޭފުޅުންނަށް ކާމިޔާބެއް ނުލިބުނެވެ. އެންމެ ފުރަތަމަ ޕެޕް ގާޑިއޯލާ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ދެން ހަމަޖައްސަން އުޅުނު އަންޑްރެއާ ޕިރްލޯގެ މައްސަލަ ހޫނުވީ ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު އޭނާ ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުމެއްގެ ސަބަބުންނެވެ. ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ފާޑުކިޔުންތައް އަމާޒުވެ، އުފެދުނު ޕްރެޝަރުގައި މަލްޑީނީ އާއި ލިއޮނާޑޯ ވަނީ މަގާމުން އިސްތިފާ ދީފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއައިޖީސީގެ ރައީސް މަލަގޯ ވިދާޅުވީ، މަންޗިނީ އަލުން ކޯޗުކަމަށް ގެންނަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި މަލްޑީނީ ކުރިން އަދާކުރި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ރަނިއޭރީ ހަމަޖެއްސެވީ އާ ކޯޗާ އެކު މަސައްކަތް ކުރެވޭނެ ފަރާތެއް ހުރުން މުހިންމު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މަލަގޯ ވިދާޅުވީ، އެފްއައިޖީސީގެ ޓެކްނިކަލް ބުރު ފުރިހަމަކުރުމަށް ރަނިއޭރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

"ބުރު ފުރިހަމަކުރުމަށް ޓަކައި، އާ ކޯޗަކަށް ވުމުގެ ނިންމުން ހިއްސާކުރެވޭނެ ފަރާތެއް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ކަމަށް އަހަރެން ދުށިން. އެ ފަރާތަކީ ކްލައުޑިއޯ ރަނިއޭރީ. އޭނާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި"މަލަގޯ ވިދާޅުވިއެވެ.

މަންޗިނީއާއި ރަނިއޭރީއަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ދެ ކޯޗުންނެވެ. އެގޮތުން މަންޗިނީ ވަނީ 2012ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް ލީގު ހޯދައިދީފައެވެ. އަދި ރަނިއޭރީ ވަނީ 2016ވަނަ އަހަރު ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. މި ދެ ތަޖުރިބާކާރުންގެ މައިގަނޑު އަމާޒަކަށް ވާނީ ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅައިގައި އިޓަލީގެ ބާރު އަލުން ގަދަކުރުމެވެ.

މީގެ ކުރިން ވެސް އިޓަލީގެ ގައުމީ ޓީމަށް އިރުޝާދުދިން މަންޗިނީގެ އިރުޝާދުގެ ދަށުން އެ ގައުމުން ވަނީ 2021ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު ބޭއްވި ޔޫރޯ 2020މުބާރާތް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، 2022ގެ ގަތަރު ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އޭނާގެ އެސިސްޓަންޓް ކޯޗުން ބަދަލުކުރަން އެފްއައިޖީސީގެ އޭރުގެ ރައީސް ގެބްރީލޭ ގްރަވީނާ މަސައްކަތް ކުރެއްވުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު، 2023ގެ އޯގަސްޓް މަހު މަންޗިނީ މަގާމުން އިސްތިއުފާ ދިނެވެ. އޭގެ ފަހުން ސައުދީ އަރަބިއާގެ ގައުމީ ޓީމާ ހަވާލުވި ނަމަވެސް، 2024ގެ އޭޝިއަން ކަޕްގެ ނާކާމިޔާބީއަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެދުމުގެ މަތިން 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ވަނީ އެ މަގާމުން ވަކިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު