ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފްރާންސް ޤައުމީ ޓީމުގެ ކޯޗަކަށް ޒިދާން އައްޔަންކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި، އެ ޤައުމުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ އިސް ކޯޗުގެ މަގާމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ މިއަދު އައްޔަންކޮށްފިއެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ޒިދާން މި މަގާމަށް ހަމަޖައްސާފައި މިވަނީ، ވޭތުވެދިޔަ 14އަހަރު ޓީމަށް އިރުޝާދުދިން ޑިޑިއޭ ޑެޝޯމްޕްސް މަގާމުން ވަކިވިތާ ދެ ހަފުތާ ފަހުންނެވެ. ނިމިދިޔަ 2026ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ފްރާންސަށް ލިބުނުއިރު، ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު އެންމެ ފަހު މެޗުގައި އިންގްލެންޑް އަތުން ވަނީ 6-4ގެ ނަތީޖާއަކުން ބަލިވެފައެވެ.

ރަސްމީކޮށް މަގާމާ ހަވާލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒިދާން ހާމަކުރި ގޮތުގައި، ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު އޭނާ އެހެން ކުލަބަކާ ހަވާލު ނުވެ ހުރީ ސީދާ ފްރާންސްގެ ޤައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ޑެޝޯމްޕްސް މަގާމުގައި ހުރިހާ ހިނދަކު އެ ފުރުސަތު ނުލިބޭނެކަން އެނގޭތީ މަޑުކުރުމަށް ފަހު، މި އަހަރުގެ ޖެނުއަރީ މަހު ޑެޝޯމްޕްސް މަގާމު ދޫކޮށްލަން ނިންމުމާ އެކު ފެޑެރޭޝަނާއެކު މަޝްވަރާތައް ފަށައި ކަންކަން ހަމަޖެހިގެންދިޔައީކަމަށް އުމުރުން 54އަހަރުގެ އައު ކޯޗު ފާހަގަކުރިއެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ނުކުންނަ ފުރަތަމަ އިމްތިހާނަކަށް ވާނީ ޔުއެފާ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހު ސްޓޭޑް ޑި ފްރާންސްގައި އިޓަލީއާ ކުރިމަތިލާނެއެވެ. ޒިދާންގެ އެންމެ ބޮޑު އަމާޒަކީ 2030ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވަރުގަދަ ޓީމެއް ބިނާކުރުމެވެ. އޭނާ ބުނި ގޮތުގައި ކުރީގެ ކޯޗުންނާ ޚިލާފަށް އޭނާގެ ފަރާތުން ފެންނާނީ ތަފާތު، ހަމަލާއަށް އިސްކަންދޭ އަދި މޮޅުވުމުގެ ރޫހު އާލާކޮށްދޭ ކުޅުމެކެވެ.

ފްރާންސްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ޑެޝޯމްޕްސް ވަނީ 185މެޗުގައި ޓީމަށް އިރުޝާދުދީ 120މެޗު ކާމިޔާބުކޮށްފައެވެ. އޭނާގެ ކޯޗުކަމުގައި 2018ގެ ވޯލްޑް ކަޕާއި ނޭޝަންސް ލީގު ކާމިޔާބުކުރިއިރު، ޒިދާނާއި ޑެޝޯމްޕްސްއަކީ 1998ވަނަ އަހަރު ފްރާންސަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިން ޓީމުގެ މުހިންމު ދެ ބައިވެރިންނެވެ. ލޯރެންޓް ބްލޮންކް އަދި ޑެޝޯމްޕްސްއަށް ފަހު ޒިދާން ވެގެންގޮސްފައި ވަނީ 1998ގެ ތާރީޚީ ސްކޮޑުން ޤައުމީ ކޯޗުކަމާ ހަވާލުވި ތިންވަނަ ފަރާތަށެވެ. ޤައުމީ ޖާޒީގައި ޒިދާން ވަނީ 108މެޗު ކުޅެ 31ލަނޑު ކާމިޔާބުކޮށްފައެވެ. 

ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސް އަދި ރެއާލް މެޑްރިޑްގައި ވިދާލި ޒިދާން ކޯޗިންގެ ދާއިރާއަށް ނުކުތީ 2013ވަނަ އަހަރު ރެއާލްގެ އެސިސްޓަންޓެއްގެ ގޮތުގައެވެ. އޭގެ ފަހުން 2016ވަނަ އަހަރު އެ ކުލަބުގެ ހެޑް ކޯޗުކަމާ ހަވާލުވެ އޭނާ ވަނީ ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައި މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. މީގެ އިތުރުން 2019ގައި ދެވަނަ ފަހަރަށް ރެއާލްއާ ހަވާލުވެ ސްޕެނިޝް ލީގު ވެސް ކާމިޔާބުކޮށްދިނެވެ. މިއީ ޤައުމީ ފެންވަރުގައި ކޯޗެއްގެ ގޮތުން ޒިދާން މަސައްކަތްކުރާނެ ފުރަތަމަ ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު