މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ފުޓްސަލް"ގެ ޝަރަފުވެރި މަގާމު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)ގެ ޒުވާން ތަރި ޝަނާން ރަޝާދު ހޯދައިފިއެވެ.
ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެސްޓީއޯ އަތުން 3-2އިން މޮޅުވެ އާރުއާރުސީން ޗެމްޕިއަންކަން ހޯދިއިރު، އުމުރުން 21އަހަރުގެ ޝަނާން ވަނީ އެ މެޗުގައި ވެސް ލަނޑެއް ޖަހައިފައެވެ.
ކްލަބް މޯލްޑިވްސް އިން މިދިޔަ އަހަރު ތައާރަފްކުރި ހާއްސަ "14ރާތަ"މަރުތޭލާއި، ރަސްވެރި ގައުންގެ އިތުރުން ތާޖާއި ޓްރޮފީ ޝަނާންއާ ހަވަލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. ކ. ގާފަރަށް އުފަން ޝަނާން ވަނީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗުގައި ވެސް ލަނޑު ޖަހައި، ޖުމްލަ ހަތް ގޯލު ކާމިޔާބު ކޮށްފައެވެ.
އުމުރުން އެންމެ 17އަހަރުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ދިވެހި ޕްރިމިއާ ލީގުގައި ވިދާލި ޝަނާންއަކީ 19އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން 20އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ. ގާފަރު ފުޓްސަލް ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ޝަނާން އާރުއާރުސީއާ ގުޅުނީ 2024ވަނަ އަހަރުއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އެ ޓީމުގެ އާދަމް ނާސިހް (އާދަންނާ)އާ އެކު ނުވަ ގޯލު ޖަހައިގެން ރަން ބޫޓު ވެސް ހޯދައިފައެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު 12ގޯލާއެކު ކްލަބް އެމްޓީސީސީގެ މުހައްމަދު އިސާމް (ޝަންޓެ)ހޯދިއިރު، ޝަނާން ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އޭނާގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އާރުއާރުސީގެ މުހްސިން މޮންޓަޒޭމީ އާއި، އެސްޓީއޯގެ ހުސެއިން ޝަރީފް (އޮންލީ)އާއި، އަހުމަދު ރާހިލް ރަޝީދު އަދި ގޯލްކީޕަރު މުހައްމަދު ޒުހަލްއެވެ.
މުބާރާތުގެ އެހެނިހެން ޝަރަފުވެރި މަގާމުތަކަށް ބަލާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖެހިޖެހިގެން ދެވަނަ އަހަރު އާރުއާރުސީގެ އިސްމާއިލް ޝަރީފްއެވެ. އަދި އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑް އާރުއާރުސީން ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ މުޒްދާން ހަސަންއެވެ. ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު އެޗްޑީސީގެ އަލީ އަލްސަން ހޯދިއިރު، ފެއާޕްލޭ ޓީމަކީ ކްލަބް އެމްޓީސީސީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.