ބަހްރައިން ކަޕް 2026ގެ ފިރިހެނުންގެ 400މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ އުންމީދީ ފެތުންތެރިޔާ ރިޙާން ޝިހާމް، އޭނާ ކުރިން ހަދާފައިވާ ޤައުމީ ރެކޯޑު މުގުރާލައި އައު ކާމިޔާބީއެއް ޙާޞިލުކޮށްފިއެވެ.
މި މުބާރާތުގައި ރިޙާން މި އިވެންޓް ފުރިހަމަކޮށްފައި ވަނީ 5މިނެޓާއި 11.03ސިކުންތުންނެވެ. މީގެ ކުރިން 2023ވަނަ އަހަރު ބޭއްވުނު 19ވަނަ އޭޝިއަން ގޭމްސްގައި 5މިނެޓާއި 14.03ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑަކީ ވެސް ހަމަ އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރެކޯޑެކެވެ. އެހެންކަމުން މިއީ އޭނާގެ އަމިއްލަ ރެކޯޑެއް އައުކުރި ފަހަރެކެވެ.
ރިޙާންގެ މި ކާމިޔާބީގެ އިތުރުން، ރާއްޖޭގެ އެހެން ފެތުންތެރިން ވެސް ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް، ލޫޠު މުހައްމަދު ހުސައިން އަދި އާން ޙުސައިން ވެސް ވަނީ ފެތުމުގެ ޤައުމީ ރެކޯޑުތަކެއް އައުކޮށްފައެވެ.
މީގެ ތެރެއިން ލޫޠު އައުކޮށްފައި ވަނީ ފިރިހެނުންގެ ލޯންގްކޯސް 100މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ. އޭނާ މި ރެކޯޑު ހެދީ 01:10:63އިން ރޭސް ނިންމައިގެންނެވެ. ހަމައެއާ އެކު، ފިރިހެނުންގެ ލޯންގްކޯސް 50މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާން މުގުރާލީ 29.18ސިކުންތުން އެ އިވެންޓް ފުރިހަމަކުރުމަށް ފަހުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.