ކުރިއަށް އޮތް 14ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާގައި ގައުމީ ނެޓްބޯޅަ ޓީމުން މިހާރު ފުރިހަމަކުރަމުންދާ ތަޖުރިބާ ދަތުރުގެ ސަބަބުން ކުޅުންތެރިންގެ ހުނަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އީމާ އަބްދުއްސައްތާރު ބުނެފިއެވެ.
އޮގަސްޓް މަހުގެ 7އިން 15އަށް ހޮންގްކޮންގުގައި ކުރިއަށްދާ މި ބޮޑު މުބާރާތަށް ފުރުމުގެ ކުރިން ލަންކާގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާ ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއަށް މައުލޫމާތު ދެމުން އީމާ ފާހަގަކުރި ގޮތުގައި، ބޭރު ގައުމުތަކުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބުމަކީ ޓީމުގެ ފެންވަރު މަތިކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ހާއްސަކޮށް އިންޑިއާ އަދި ހޮންގްކޮންގް ފަދަ ގައުމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރުމަށް ޓަކައި މިފަދަ އެކްސްޕޯޝަރ ދަތުރުތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އޭނާ ބުންޏެވެ.
މެނޭޖަރު ނުޒްހަތު އަލީ ބުނި ގޮތުގައި، ހަ ދުވަހުގެ މުއްދަތަށް ލަންކާގައި ކުރިއަށްގެންދާ މި ކޭމްޕުގައި އެ ގައުމުގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ އެއާފޯސް އަދި ނޭވީ ޓީމާ ދެކޮޅަށް ޖުމްލަ ހަ މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މެޗުތަކުގެ އިތުރުން ހާއްސަ ޓްރޭނިންގ ސެޝަންތަކެއް ވެސް ކުރިއަށްދާނެކަން ނުޒްހަތު ކަށަވަރުކޮށްދިނެވެ. އަދި މިއީ މިހާތަނަށް އެކުލަވާލެވުނު އެންމެ ވަރުގަދަ ގައުމީ ސްކޮޑުކަމަށާއި، ޖޫން 30ގައި ޓީމު ފައިނަލް ކުރުމަށްފަހު ފަރިތަކުރުންތައް ވަރަށް ކުރިއާލައި ފަށާފައިވާކަން ވެސް މެނޭޖަރު ފާހަގަކުރިއެވެ.
ތަޖުރިބާކާރު ކޯޗު ނީޝާ ހަލީމްގެ ބެލުމުގެ ދަށުން ފަރިތަކުރަމުންދާ ދިވެހި ޓީމު، ލަންކާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 30ވަނަ ދުވަހުއެވެ. އެއަށްފަހު މުބާރާތުގައި ވާދަކުރުމަށް ހޮންގްކޮންގަށް ފުރުމަށް ތާވަލުކުރެވިފައި ވަނީ އޮގަސްޓް މަހުގެ 5ވަނަ ދުވަހުއެވެ.
ހޮންގްކޮންގުގެ ކައި ޓަކް ސްޕޯޓްސް ޕާކުގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ވާދަކުރާނީ އެންމެ މަތީ ފަންތި ކަމަށްވާ "ކަޕް ކެޓަގަރީ"ގައެވެ. މި ކެޓަގަރީގައި ރާއްޖޭގެ އިތުރުން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ހޮންގްކޮންގ، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާއެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 8ވަނަ ދުވަހު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. ޖެހިގެން އަންނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭއިރު، 10ވަނަ ދުވަހު އިންޑިއާއާ އަދި 11ވަނަ ދުވަހު ހޮންގްކޮންގާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އޮގަސްޓް 12ވަނަ ދުވަހު ދިވެހި ޓީމު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.