އިންޑިއާގެ ނިއުދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައި މި މަހުގެ 27އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަމާޒުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ 8ކުޅުންތެރިން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 25ވަނަ ދުވަހުގެ މެންދުރު ފަހު ޤައުމީ ސްކޮޑު ފުރުމަށް ހަމަޖެހިފައިވާއިރު، ޓީމުގެ މެނޭޖަރު އާއިޝަތު އަލީފާ ބުނީ ފާއިތުވި މަހެއްހާ ދުވަހު މެދުކެނޑުމެއް ނެތި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ގާތްގަނޑަކަށް 23ޤައުމަކުން ވާދަކުރާ މި މުބާރާތުގައި އިންޑިއާ އަދި ސިންގަޕޫރު ފަދަ ޓީޓީގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެން ޖެހުމަކީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއެއްކަމުގައި އޭނާ ސިފަކުރިއެވެ. އަދި އުންމީދަކީ މި އުނދަގޫ މެޗުތަކުން ވެސް ރަނގަޅު ކާމިޔާބީއެއް ހާސިލުކުރުން ކަމަށް އަލީފާ ފާހަގަކުރިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ މި ބޮޑު މުބާރާތަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން ޓީޓީ އެސޯސިއޭޝަނުން ވަނީ އިންޑިއާގެ ތަޖުރިބާކާރު ކޯޗަކާއި ކުޅުންތެރިއަކު ރާއްޖެ ގެނެސް، ޚާއްޞަ ތަމްރީނުތަކެއް ދީފައެވެ. ޤައުމީ ޓީމުގެ އިސް ކުޅުންތެރިޔާ މުހައްމަދު ޝައްފާން އިސްމާއީލް ބުނި ގޮތުގައި، މި ދިހަވަރަކަށް ދުވަހުގެ ތަމްރީނުތަކުގެ ސަބަބުން ޓީމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި، ކޮންމެ މުބާރާތަކާ ވެސް ކުރިމަތިލަނީ އެންމެ މޮޅު ކުޅުން ދައްކައިގެން ފަޚުރުވެރި ނަތީޖާއެއް ނެރުމުގެ ޢަޒުމުގައި ކަމަށެވެ.
ޤައުމީ ޓީމުގެ އަނެއް މުހިންމު ކުޅުންތެރިޔާ މޫސާ މުންސިފް ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ސްޕާރިންގ ޕާޓްނަރުން (އެކުގައި ފަރިތަކުރާނެ ފެންވަރު ރަނގަޅު ކުޅުންތެރިން)ނެތުމެވެ. އެހެން ނަމަވެސް، ބޭރުގެ ކުޅުންތެރިންނާއެކު ލިބުނު ފަރިތަކުރުންތަކާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މުންސިފް އިތުރަށް ބުނީ، އާންމުކޮށް ރާއްޖެއަށް ވާދަކުރަން ޖެހެނީ ސަރަހައްދީ ޤައުމުތަކާ ކަމަށްވިޔަސް، ކޮމަންވެލްތުގައި ހިމެނޭ ތަފާތު 50އެއްހާ ޤައުމުގެ ކުޅުންތެރިންނާ ކުރިމަތިލުމުގެ ފުރުޞަތު ލިބުމަކީ ދުނިޔޭގެ ރޭންކިންގ ކުރިއަށް ޖައްސާލަން ލިބޭނެ ރަނުގެ ފުރުޞަތެއް ކަމަށެވެ.
މި ފަހަރުގެ ކޮމަންވެލްތު ޓީޓީ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރާ 8ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއީލް، މޫސާ މުންސިފް އިސްމާއީލް، އަޚްޔާރު އަހުމަދު ޚާލިދު އަދި މުހައްމަދު އާލް އިމްރާންގެ އިތުރުން ފާތިމަތު ދީމާ އަލީ، އާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު ނާޒިމް އަދި އާއިޝަތު އަލްސާ ނާފިޒްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.