ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކަރްމާ ފައިޓް ލީގުގައި ފާތިމަތު ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްރީލަންކާގެ ކޮލަމްބޯގައި އިއްޔެ ނިމިގެންދިޔަ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކޭ-1ކިކްބޮކްސިން މުބާރާތް ކަމަށްވާ "ކަރްމާ ފައިޓް ލީގު" (ކޭއެފްއެލް 8)ގައި ސްރީލަންކާގެ އެތުލީޓެއްގެ މައްޗަށް ކުރިހޯދައި، ރާއްޖޭގެ މާޝަލް އާޓްސް ތަރި ފާތިމަތު އިބްރާހީމް ތާރީޚީ ކާމިޔާބީއަކާ އެކު ފައިސާގެ ބޮޑު އިނާމެއް އުފުލާލައިފިއެވެ.

ސްރީލަންކާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގެ 52ކިލޯގެ ބައިގައި ފާތިމަތު ނުކުތީ ލަންކާގެ ރޮމެއިންއާ ދެކޮޅަށެވެ. މުޅިން އަލަށް ކިކްބޮކްސިންގއަށް ނުކުމެ، ފާތިމަތު ވަނީ އޭނާގެ އިދިކޮޅު ފައިޓަރަށް އެއްވެސް ފުރުސަތެއް ނުދީ، ވަރުގަދަ އަދި ހަލުވި ހަމަލާތަކަކުން މެޗު ކާމިޔާބުކޮށްފައެވެ. މި މޮޅު ކުޅުމުގެ ސަބަބުން ކޭއެފްއެލްއިން ވަނީ ފާތިމަތުގެ ހުނަރަށް ތައުރީފުކޮށް، ޚާއްސަ ފައިސާގެ އިނާމެއް އޭނާއާ ހަވާލުކޮށްފައެވެ.

ސަރަހައްދުގެ ފަސް ގައުމަކުން އެންމެ މޮޅެތި ފައިޓަރުން ބައިވެރިވި މި ލީގުގައި ރާއްޖެ ތަމްސީލުކުރި ހަމައެކަނި ކުޅިވަރުވެރިޔަކީ ވެސް ފާތިމަތެވެ. ފުރަތަމަ އޭނާ ބައްދަލުކުރަން އޮތީ ޕާކިސްތާނުގެ އެތުލީޓަކާއެވެ. އެހެން ނަމަވެސް، އެ ފައިޓަރަށް ވީސާގެ މައްސަލަތަކާ ހުރެ މުބާރާތުގައި ބައިވެރިވެވޭގޮތް ނުވުމުން، ފާތިމަތު ވާދަކުރަން ޖެހުނީ ލަންކާގެ ރޮމެއިންއާއެވެ. މިއީ ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމެއްގައި އޭނާ ފައިޓުކުރި ފުރަތަމަ ފަހަރެވެ.

ކޭ-1ފޯމެޓަކީ އަތާއި ފައިގެ އިތުރުން ކަކުލުގެ ހަމަލާތައް ވެސް ހިމެނޭ ވަރަށް އަވަސް އަދި ނުރައްކާތެރި ކުޅިވަރެއް ކަމަށްވިޔަސް، މާޝަލް އާޓްސްގެ އެކި ކުޅިވަރުތަކުގައި ފާތިމަތު އަންނަނީ ރާއްޖެއަށް ރީތި ނަން ހޯދައިދެމުންނެވެ. އޭނާއަކީ ޓައެކްވަންޑޯއިން ބްލެކް ބެލްޓް (ސެކަންޑް ޑޭން)އަދި ބްރެޒިލިއަން ޖިއު-ޖިޓްސޫއިން ބްލޫ ބެލްޓް ހާސިލުކޮށްފައިވާ ހުނަރުވެރިއެކެވެ. މީގެ ކުރިން އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި 2025ވަނަ އަހަރު ޗައިނާގައި އޮތް ވޯލްޑް ޓައެކްވަންޑޯ ޗެމްޕިއަންޝިޕްގެ އިތުރުން 2024ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޑީސީސީ ގްރެޕްލިން މުބާރާތުގައި ވެސް ވާދަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު