ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އެޓޯލް ސްޕޯޓްސް ކުލަބުގެ މައްޗަށް ދެ ލަނޑު ސުން ލަނޑުން ކުރިހޯދައި، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ދަ ފުޓްސަލް ޓައުން (ޓީއެފްޓީ)އިން ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، ދެވަނަ ހާފުގައި ޓީއެފްޓީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް މުހިންމު ދެ ލަނޑު ޖަހާފައެވެ. ދެ ޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ ނަތީޖާ ޓީއެފްޓީގެ ކޮޅަށް އަނބުރާލީ ފަންސާސް ހަތަރުވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ އިސްމާއިލާ އަބުމޭރޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ގޯލަކީ ޕެނަލްޓީ އޭރިއާގެ ތެރެއިން އަބްދުﷲ މުއާޒް ފޮނުވާލި ބާރު ހަމަލާއެއް އެޓޯލްސްގެ ގޯލްކީޕަރު ނާޖިހު ދިފާއުކުރުމާ އެކު ނުކުތް ވަގުތު، ރިބައުންސްގެ ބޭނުން ހިފައިގެން އިސްމާއިލާ ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައެކެވެ.
އޭގެ ފަހުން މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައި ޓީއެފްޓީއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމަށް ކުޅެމުންދާ ހުނަރުވެރި ވިންގް އަހުމަދު ސުހެއިލްއެވެ. އޭރިއާގެ ބޭރުން ބޯޅަ ހިފައިގެން އެތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ވަނީ ފެންވަރު ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކުރީ ފައިނަލްގައި މޮޅު ކުޅުމެއް ދެއްކި ޓީއެފްޓީގެ ސުހެއިލްއެވެ. މީގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމުގެ ޝަރަފު ލިބިފައިވަނީ ހިންނަވަރު ރެކްރިއޭޝަން ކުލަބަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.