ފީފާއީ ވޯލްޑްކަޕުގެ ކޮލިފައިންގެ ފުރަތަމަ ބުރުގައި މުޅިން އަލަށް ވާދަކޮށް ދެއްކި މޮޅު ކުޅުމާއެ ކު، ދިވެހިރާއްޖޭގެ އީސްޕޯޓްސް ގައުމީ ރޮކެޓް ލީގު ޓީމުން އިރުމަތީ އޭޝިއާގެ ރޭންކިންގެ ފަސްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.
ދުނިޔޭގެ ރޭންކިންގެ 28ވަނައިގައި މިހާރު އޮތް ރާއްޖޭގެ ޓީމުން މި ފަޚުރުވެރި މަގާމު ހާސިލުކޮށްފައިވަނީ، ކޮލިފައިންގައި 12ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްގެންނެވެ. މި ބުރުގައި ދިވެހި ޓީމުން ވަނީ އީސްޕޯޓްސްގައި ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތައް ކަމަށްވާ ހޮންކޮންގ، ކިރިގިސްތާން، ޕަޕުއާ ނިއުގިނީ އަދި ބުރުނާއީ ފަދަ ގައުމުތައް ބަލިކޮށްފައެވެ. މިއާ އެކު ރާއްޖޭގެ ޓީމު ވަނީ ސާކް ސަރަހައްދުގެ ދެވަނަ އަދި އިރުމަތީ އޭޝިއާއާއި އޯޝޭނިއާ ސަރަހައްދު އެއްކޮށްލުމުން ހަވަނަ މަގާމަށް ވެސް އަރާފައެވެ.
ރާއްޖޭގެ ޓީމު ދެން ވާދަކުރަން ޖެހޭނީ އަންނަ މަހުގެ 19އިން 23އަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކުރިއަށްދާ ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް އޭޝިއާ (ފީފާއީ ވޯލްޑްކަޕުގެ ދެވަނަ ބުރު)ގައެވެ. މި މުބާރާތުން އެންމެ މަތީ ނަތީޖާ ހޯދާ ޓީމުތަކަށް، އަންނަ ނޮވެމްބަރު މަހު ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބާއްވާ ފީފާއީ ވޯލްޑްކަޕުގެ މައި މުބާރާތުން ޖާގަ ކަށަވަރުވާނެއެވެ.
މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސްޕޯޓްސް ގައުމީ ޓީމެއް އެކުލަވާލައި، މުޅިން އަލަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ނުކުމެ ހޯދި މި ނަތީޖާއަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ލިޔެވުނު އާ ސަފުހާއެކެވެ. ފީފާއީ ވޯލްޑްކަޕުގެ އޯޝޭނިއާ ސަރަހައްދުގެ ރޭންކިންއަށް ބަލާއިރު މިވަގުތު އެއްވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، ދެވަނައިގައި އޮތީ ނިއުޒީލެންޑެވެ. އަދި މެލޭޝިއާ އޮތީ ތިންވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.