ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެއިޓީން ތާޓީ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އެއިޓީން ތާޓީ ކްލަސިކް އަންހެން ފުޓްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކަށް ފަހު، ސެމީ ފައިނަލުން ޖާގަ ހޯދި ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ.

ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ސެމީގެ ޖާގަތައް ކަށަވަރުކުރީ ގުރޫޕް އޭއިން ޕްރިޒަން ކްލަބާއި އެސްޓީއޯއެވެ. އަދި ގުރޫޕް ބީ އިން ސެމީގެ ޖާގަ ހޯދީ ކްލަބް އެޗްޑީސީއާއި ސްޓެލްކޯއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކްލަބުން ރޭ ކުޅުނު މެޗުގައި ހުޅުމާލެ ހޮސްޕިޓަލް އަތުން މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަން ކްލަބްގެ ފާތިމަތު އިނާޝާ އާދަމްއެވެ. ގުރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުގައި ޔޫތު ސްޕޯޓްސް ފިޓްނަސް ކްލަބުން ވަނީ 8-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔޫތު ސްޕޯޓްސްގެ ފާތިމަތު އާން އަލީ ޝާމްއެވެ.

މި ނަތީޖާތަކާ އެކު ފަސް ޓީމު ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި ޕްރިޒަންސް އޮތްއިރު، ދެވަނައިގައި އޮތީ އެސްޓީއޯ އެވެ. ދެ ޓީމަށް ވެސް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއް މެޗު އެބައޮތެވެ. ތިންވަނައިގައި އޮތް ޔޫތު ސްޕޯޓްސްއާއި ހަތަރުވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ހަތަރު މެޗު ކުޅުނު ހެލްތު އާރުސީ މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ. މި ގުރޫޕްގައި ބާކީ އޮތީ ޕްރިޒަންސްއާއި އެސްޓީއޯ ބައްދަލުކުރާ މެޗުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ޔޫތު ސްޕޯޓްސް ވާދަކުރާ މެޗެވެ.

ހަތަރު ޓީމު ހިމެނޭ ގުރޫޕް ބީގެ ކުޅުން ރޭ ވަނީ އެއްކޮށް ނިމިފަ އެވެ. ރޭ ކުޅުނު ފަހު މެޗުތަކަށް ބަލާއިރު، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާގެ މޮޅު ކުޅުމާ އެކު އެޗްޑީސީން ވަނީ 4-1އިން ސްޓެލްކޯ ބަލިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ރަނަރަޕް އެމްއޭސީއެލްއާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރި މެޗު ފަހު ވަގުތު 2-2އިން ވެގެންދިޔައީ އެއްވަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީއެމްއެލްގެ އައިޝަތު ލައިބާ ޒާހިރެވެ.

މިއާއެކު، ގުރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދި އެޗްޑީސީއެވެ. ހަ ޕޮއިންޓާ އެކު ދެވަނަ ޓީމުގެ ގޮތުގައި ސްޓެލްކޯ ސެމީއަށް ދަތުރުކުރިއިރު، ބީއެމްއެލްއާއި އެމްއޭސީއެލް މުބާރާތުން ކެޓީ އެންމެ ޕޮއިންޓަކާއެކުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު